ރާއްޖެއަށް ޕޭޕަލް ޕޭ ގެނައުމުގެ މަސައްކަތް އެބަ ކުރިއަށްދޭ: ސަޢީދު
ބައިނަލްއަޤުވާމީ ޕޭމަންޓް ގޭޓްވޭ ނިޒާމުތައް ރާއްޖެ އަށް ތަޢާރަފު ކުރުމަށްޓަކައި ކުރެވޭ މަސައްކަތުން ޕޭޕަލް ޕޭ ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްގެންދާ ކަމަށް އިކޮނިމިކް ޑިޕެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.
ސައީދު މިފަދައިން ވިދާޅުވީ މިއަދު ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުންނެވެ.
މިނިސްޓަރު ސަޢީދު ވިދާޅުވީ ފަންނުވެރި އިޤްތިޞާދެއް އުފެއްދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒެއް ކަމަށާއި، ނިމިދިޔަ ސަރުކާރުތަކުން އެއްވެސް އަމަލީގޮތުން ފާހަގަ ކުރެވޭ މަސައްކަތެއް ކޮށްފައި ނުވާކަމަށެވެ.
ޕޭޕަލް ތައާރަފު ކުރަމަށް ކުރިން މަސައްކަތެއް ކުރިހެނެއް ހިއެއް ނުވޭ. ޕޭލަލް އާއެކު މަޝްވަރާތައް ހިގަމުން އެބަދޭ، އެކަމުގައި އިދާރިގޮތުން ކުރަންޖެހޭ މަސައްކަތްތައް ވެސް ހުންނާނެ،
މިނިސްޓާރ ސަޢީދު
މިއަދަކީ ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ "ވޯލްޑް ކްރިއޭޓިވިޓީ އެންޑް އިނޮވޭޓިވޭޝަން ޑޭ" ކަން ފާހަގަ ކުރައްވާ އިތުރަށް މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ފަންނުވެރި އިޤްތިޞާދެއް އުފެއްދުމަަށް ކުރާ މަސައްކަތުގެ ދަށުން ރައްޔިތުންގެ މެދުގައި މަޝްހޫރު ވަމުން އަންނަ ސޯޝަލް މީޑިއާ ޕްލެޓްފޯމްއެއް ކަމަށްވާ ޓިކްޓޮކް މެދުވެރިކޮށް ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމަށް ވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަހަރުގެ ޖެނުއަރީމަހު ބުނެފައިވަނީ، ޕޭޕާލް ޕޭ، އެމޭޒްން ޕޭ އަދި ގޫގްލް ޕޭ ރާއްޖެއަށް ތައާރަފްކުރުމަށް ސަރުކާރުން އެ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހަޅާފައިވާ ކަމަށެވެ.
ޕޭޕަލްއަކީ އޮންލައިންކޮށް ޕޭމަންޓްގެ ޚިދުމަތްތަކާއި، ބައިނަލްއަޤްވާމީ ފައިސާ ޓްރާންސްފަރ އަދި ވިޔަފާރީގެ ޙައްލުތައް ފޯރުކޮށްދޭ ކުންފުންޏެކެވެ. މި ކުންފުނި މަޝްހޫރުވެފައިވަނީ ރައްކާތެރި މުޢާމަލާތްތަކާއި، ހަރުދަނާ ސެކިއުރިޓީ ފިޔަވަޅުތަކާއި، އެކި އީ-ކޮމާސް ޕްލެޓްފޯމްތަކާއެކު އިންޓަގްރޭޓްވެފައިވާތީއެވެ.
ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ލިބެން ފެށުމުން، އޮންލައިން ވިޔަފާރިވެރިންނަށް ފަސޭހަވެ، ބައިނަލްއަޤްވާމީ މާކެޓަށް ވާސިލުވުމަށް ހުރި ހުރަސްތައް ނެތިގެންދާނެ ކަމަށް ބެލެވެއެވެ. މިއީ ރާއްޖޭގެ އިޤްތިޞާދަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists