ޓޫރިޒަމުން ލިބޭ އާމްދަނީ އިތުރުވެ، ދައުލަތުގެ އާމްދަނީވެސް އިތުރުވެއްޖެ: ފިނޭންސް
މިއަހަރުގެ
މިހާތަނަށް އާއިރު ޓޫރިޒަމް ސިނާއަތުލް ލިބޭ އާމްދަނީ އިތުރުވުމުގެ ނަތީއްޖާއެއްގެ
ގޮތުން ދައުލަތުގެ ބައިތުލްމާލަށް ލިބޭ އާމްދަނީވެސް އިތުރުވެފައިވާކަމަށް
ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ބުނީ، ފަތުރުވެރިކަމުގެ ސިނާއަތަށް މިއަހަރުގެ މިހާތަނަށް ލިބުނު ކުރިއެރުމާއެކު، ދައުލަތުގެ އާމްދަނީއަށްވެސް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށެވެ. އެގޮތުން މިހިނގާ އޭޕްރީލް މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 16.1 އިންސައްތަ ވަނީ އިތުރުވެފައެވެ. ފިނޭންސުން ބުނީ،ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ހަތަރު މަހު ކޮންމެ މަހަކު 200،000 ފަތުރުވެރިން ހަމަވާނެ ކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، މިކަމާއި ގުޅިގެން ދައުލަތުގެ އާމްދަނީއަށްވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި 104،357 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި 89،865 ފަތުރުވެރިންނަށް ވުރެ 16.1 އިންސައްތަ އިތުރު މިންވަރެކެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ބަޔަކު ވީއައިއޭގައި... ފޮޓޯ: ވޮއިސް
މި މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި އެވްރެޖުކޮށް ދުވާލަކު 6،957 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެ އެވެ. އެއީ ފަތުރުވެރިކަމުގެ ސީޒަނަށް އެންމެ ބާރުބޮޑު ދުވަސްވަރު ކަމަށްވާ ޑިސެމްބަރު އަދި ޖެނުއަރީގައި ހުރި މިންވަރަށް ވުރެ ވެސް އިތުރު އަދަދެކެވެ.
ފިނޭންސުން ބުނީ، މިއަހަރުގެ ފުރަތަމަ ދެ މަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާޢަތަށް އައިސްފައިވާ ކުރިއެރުމާއެކު، ފަތުރުވެރިކަމާ ސީދާ ގުޅިފައިވާ އާމްދަނީތައްކަމުގައިވާ ދާއިރާތަކުން ލިބުނު އާމްދަނީ އިތުރުވެފައިވާކަމށެވެ. އެގޮތުން ޓޫރިޒަމް ގުޑްސް އެންޑް ސަރވިސް ޓެކްސް (ޓީ.ޖީ.އެސް.ޓީ)، ގްރީން ޓެކްސް، ޑިޕާޗަރ ޓެކްސް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ (އޭ.ޓީ.އެފް) ގެ ގޮތުގައި މިއަހަރުގެ ފެބުރުވަރީ އަދި މާޗް މަހު ދައުލަތަށް ލިބުނު އާމްދަނީ ވަނީ 3.3 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާކަމަށް އެ މިނިސްޓްރީން ފާހަގަކުރިއެވެ.
ދައުލަތަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި ކުރީގެ ސުންގަޑިތަކަށް ދައްކަންޖެހޭ އާމްދަނީ ހިމެނުމުގެ ފުރުސަތު އޮތް ނަމަވެސް، ޓޫރިޒަމް ދާއިރާގެ ޓެކްސްތަކާއި ޓެކްސް ނޫން ފައިސާ ދައްކަންޖެހޭ ގިނަ ފަރާތްތަކަކީ ލަރޖް ޓެކްސް ޕޭޔަރ ކެޓަގަރީއަށް ނިސްބަތްވާ ފަރާތްތައްކަމުގައިވެފައި، އެ ފަރާތްތަކުން ސުންގަޑިއަށް ބަޔާން ހުށަހަޅައި ފައިސާ ދައްކާ މިންވަރު ނިސްބަތުން އިތުރުކަމަށް ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ފާހަގަކުރެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists