މޯދީއާއި ޖޭޑީ ވޭންސް ބައްދަލުކުރައްވައިފި
އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވޭންސް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ބައްދަލުކުރައްވައިފިއެވެ.
އިންޑިއާއަށް ކުރައްވާ އަމިއްލަފުޅު 4 ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ވޭންސް، މޯދީއާއި ބައްދަލުކުރެއްވީ ދިއްލީގައި ހުންނަ މޯދީގެ ރަސްމީ ގެކޮޅުގައެވެ. މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ގުޅުން ބަދަހިކުރުމަށް ކުރިއަށްދާނެ މަގުޗާޓަކާއި ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި މިހާރު ދެގައުމުގެ މެދުގައި ކުރިއަށްދާ ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތަކާ ބެހޭ ގޮތުންވެސް ދެބޭފުޅުން ވާހަކަ ދެއްކެވިއެވެ.
އެމެރިކާގެ ނައިބު ރައީސް އިންޑިއާއަށް ވަޑައިގެން މި އުޅުއްވާ ދުވަސްވަރަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގައުމުތަކާ ދެކޮޅަށް އިއުލާންކުރެއްވި ޓެރިފްތަކުގެ މައްސަލައިގައި އިންޑިއާގައި ނުތަނަވަސްކަން އުފެދިފައިވާ ދުވަސްވަރެކެވެ. ޓެރިފްތައް ނެގަން ފެށުން އެމެރިކާއިން 3 މަސްދުވަހަށް މަޑުޖައްސާލާފައިވާއިރު، އިންޑިއާއިން މަސައްކަތްކުރަމުންދަނީ ވީހާވެސް އަވަހަކަށް އެމެރިކާއާއެކު އެއްބަސްވުމަކަށް އައިސް، ޓެރިފްތައް ނުނަގާނެ ނުވަތަ ކުޑަކުރެވިދާނެ ގޮތަކާއި ބެހޭ ގޮތުން އެމެރިކާއާއެކު އެއްބަސްވުމަކަށް އައުމެވެ. އަދި މިއަހަރު ނިމުމުގެ ކުރިން އެމެރިކާއާއެކު ވަކިން ވިޔަފާރީގެ އެއްބަސްވުމަކަށް އައުމަކީވެސް އިންޑިއާއިން ކުރަމުންދާ މަސައްކަތެކެވެ. އެމަސައްކަތުގައި އިންޑިއާގެ މާލީ ވަޒީރު މިހާރުވެސް ހުންނެވީ އެމެރިކާގައެވެ.
އިންޑިއާއާށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވޭންސް މިއަދު ޖައިޕޫރުގައި ހުންނަ ރާޖަސްތާން އިންޓަނޭޝަނަލް ސެންޓަރގައި ތަޤުރީރެއް ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މި ތަޤްރީރުގައި، ވިޔަފާރީގެ އެއްބަސްވުމުގެ މަސައްކަތްތަކާ ބެހޭ އިތުރު ތަފްސީލް ދެއްވާނެކަމަށް ބެލެވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists