ޗައިނާއިން ނުރައްކާތެރި ހަތިޔާރު ރަޝިއާއަށް ފޯރުކޮށްދޭ ކަމަށް ބުނެ ހުޅަނގަށް ފޫޅުކެނޑި ނޫސްތަކުން ހަދަނީ އަސާސެއްވެސް ނެތް ބުހުތާން ދޮގުތަކެއް ކަމަށް، ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނެފި އެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ލިން ޖިއާން ވިދާޅުވި ގޮތުން ޔުކްރޭންގަ ރައީސް މޮލޮދީމިއާ ޒެލެންސްކީ ވެސް ވަނީ މި މޭރުމުން ބަސްވިދާޅުވެ ރަޝިއާއަށް ޝައްކުކުރަން ވާދަވެރިންނަށް ފުރުސަތު ހުޅުވައިދެއްވާފަ އެވެ.
ތަރުޖަމާން ވިދާޅުވީ ޗައިނާއާ މެދު ޝައްކުނުކުރެއްވުމަށް ޒެލެންސްކީއަށް ދަންނަވާފައި ވާނެ ކަމަށެވެ. އަދި ޗައިނާ އޮތީ ހަނގުރާމަ ހުއްޓާލަން ގޮވާލާ ގައުމުތަކުގެ ލިސްޓްގައި ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.
ޔުކްރޭން ހަނގުރާމަ ހުއްޓުވަން އެންމެ ފުރަތަމަ ކަރުދާހެއްވެސް ޝާއިއުކުރީ ޗައިނާއިން ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. އެ ކަރުދާހަކީ ހަނގުރާމައިގެ ދެ ފަރާތަށް ވެސް ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަރުދާހެއް ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
ޗައިނާއާ މެދު އެމެރިކާ އާއި ޔުކްރޭނުން ދެކެނީ ނުރައްކާތެރި ގޮތަކަށް ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. އެކަމަކު އެއީ އެއްވެސް ބަޔަކަށް ފައިދާ އޮތް ގޮތް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މުޅި ދުނިޔެ ޗައިނާއާ ޖައްސާލަން އުޅުނު ނަމަވެސް، ސާފު ކުރެހުމެއް ޗައިނާގެ ކުރިމަތީގައި އޮތް ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. ތަދިތަކުން ނެއްޓިގެން ޗައިނާ ދާނީ ކުރިއަށް ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.