ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ ޓޫރިޒަމް ދާއިރާއިން ދައުލަތަށް ލިބުނު އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ އެވެ.
ރާއްޖެއަށް މިމަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 16.1 އިންސައްތަ އިތުރުވެފަ އެވެ.
މި މުއްދަތުގައި 100،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ހަތަރު މަހު ކޮންމެ މަހަކު 200،000 ފަތުރުވެރިން ހަމަވާނެ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ޒިޔާރަތްކުރި 104،357 ފަތުރުވެރިންނާއެކު ޖުމްލަ ފަތުރުވެރިންގެ އަދަދު 736،775 އަށް އަރާފަ އެވެ.
ފަތުރުވެރިކަމުގެ ގަދަ 10 ގައުމު
- ޗައިނާ: 81،001 (11 އިންސައްތަ އިތުރު އަދަދެއް)
- އިނގިރޭސިވިލާތް: 80،535 (10.9 އިންސައްތަ އިތުރު އަދަދެއް)
- ރަޝިއާ: 76،243 (10.3 އިންސައްތަ އިތުރު އަދަދެއް)
- އިޓަލީ: 63،995 (8.7 އިންސައްތަ އިތުރު އަދަދެއް)
- ޖަރުމަނު: 57،081 (7.7 އިންސައްތަ އިތުރު އަދަދެއް)
- އިންޑިއާ: 36،941 (5 އިންސައްތަ އިތުރު އަދަދެއް)
- ފްރާންސް: 28،983 (3.9 އިންސައްތަ އިތުރު އަދަދެއް)
- އެމެރިކާ: 23،720 (3.2 އިންސައްތަ އިތުރު އަދަދެއް)
- ސްވިޓްޒަލެންޑް: 16،766 (2.3 އިންސައްތަ އިތުރު އަދަދެއް)
- ޕޯލަންޑް: 14،184 (1.9 އިންސައްތަ އިތުރު އަދަދެއް)
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 70 ޕަސެންޓް -- 516،174 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ.
ގެސްޓްހައުސްތަކުގައި 179،878 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު ހޮޓަތަކުގައި 21،852 ފަތުރުވެރިން އަދި ސަފާރީތަކުގައި 18،379 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެ އެވެ.
ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު ފަތުރުވެރިކަމާ ސީދާ ގުޅިފައިވާ އާމްދަނީތަކުން ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ.
އެ ގޮތުން ޓޫރިޒަމް ޖީއެސްޓީ އާއި ގްރީން ޓެކްސް އާއި ޑިޕާޗާ ޓެކްސްގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އިން ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ.