ޓޫރިޒަމް

ފަތުރުވެރިންގެ 65 ޕަސެންޓް ގަދަ 10 ގައުމުން

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 65 ޕަސެންޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ގަދަ 10 ގައުމުން ޒިޔާރަތްކުރި ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އާދިއްތަ ދުވަހުގެ ނިޔަލަށް ޖުމްލަ 771،333 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.

މީގެ ތެރެއިން 502،527 ފަތުރުވެރިން -- 65.1 ޕަސެންޓަކީ މާކެޓްގެ ގަދަ 10 ގައުމުން ޒިޔާރަތްކުރި ފަތުރުވެރިންނެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ޗައިނާ - 83،828 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 83،418 ފަތުރުވެރިން
  • ރަޝިއާ - 78،774 ފަތުރުވެރިން
  • އިޓަލީ - 69،784 ފަތުރުވެރިން
  • ޖަރުމަނު - 60،347 ފަތުރުވެރިން
  • އިންޑިއާ - 38،850 ފަތުރުވެރިން
  • ފްރާންސް - 29،966 ފަތުރުވެރިން
  • އެމެރިކާ - 24،860 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 18،255 ފަތުރުވެރިން
  • ޕޮލެންޑް - 14،445 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 7.4 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 718،078 މިލިއަން ފަތުރުވެރިންނެވެ.

ރާއްޖޭގައި ފަތުރުވެރިކަމަށް މި ވަގުތު 1،162 ތަނެއް ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި 175 ރިސޯޓާއި 816 ގެސްޓްހައުސް އާއި 156 ސަފާރީ އަދި 15 ހޮޓާ ހިމެނެ އެވެ.