މިއަދު ހައިކޯޓުގައި ބާއްވަން ތާވަލްކޮށްފައި އޮތް ޝަމްޢާންގެ މައްސަލައިގެ އަޑުއެހުން ފަސްކޮށްފި
މިއަދު ހައިކޯޓުގައި ބާއްވަން ތާވަލްކޮށްފައި އޮތް، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްސަލައިގެ އަޑުއެހުން ފަސްކޮށްފިއެވެ. ހައިކޯޓުން ބުނީ ދެން އަޑުއެހުމެއް އޮންނާނީ މާދަމާ ކަމަށެވެ.
ނަމަވެސް މައްސަލަ ފަސްކުރި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.
ޝަމްއާން ހައްޔަރުކުރީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުން އަންނަކަމަށް ތުހުމަތުކޮށްފައެވެ.
މި މައްސަލައިގައި ޝަމްއާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ މިދިޔަ މަހުގެ 22ގައެވެ. އެ މުއްދަތު ހަމަވުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން މި މަހުގެ ހަވަނަ ދުވަހު ވަނީ ނިންމައިފައެވެ.
ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރުމަށް ކުރި އަމުރު އޭނާ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އޭނާގެ މައްޗަށް ހިންގާ ތަހުގީގުގައި އޭސީސީގެ ދައުރެއް ނެތުމާއި އެ މައްސަލަ ފުލުހުންގެ މުއައްސަސާއިން އެކަނި ތަހުގީގު ކުރުމަކީ ޖިނާއީ އިޖުރާތާ ހިލާފު ކަމެއްކަން ފާހަގަކޮށް އެ މައްސަލަ ބަލައި ބަންދުގެ މުއްދަތު ރިވިއު ކޮށްދޭން އޭނާ ވަނީ އެދިފަ އެވެ.
މި މައްސަލައިގެ ތުހުމަތުގައި ޝަމްއާނުގެ އިތުރުން، އިތުރު ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ:
މުޙައްމަދު އަލްސަން އިސްމާއިލް، 21 އަހަރު، މޫނިމާގެ، ތ. ބުރުނި
އިބްރާހިމް އަޙްމަދު، 37 އަހަރު، ގ. ހެޕީސައިޑް
ހަސަން ސަހެޝާން، 47 އަހަރު، ގ. ހެޕީސައިޑް
އަހްމަދު ލައްސާނު، 40 އަހަރު، މ. ހަޒާރީވިލާ
Advertisement
This content is created and paid for by advertisers and does not involve Voice Journalists